ޕްރޮފައިލް
މުޙައްމަދު ނާޒިމްގެ ޕްރޮފައިލް
މުޙައްމަދު ނާޒިމްއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދަނގެތި ދާއިރާގެ މެންބަރެވެ. މަޖިލީހުގެ މަސައްކަތުގައި ނާޒިމްގެ އަމާޒަކީ، ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި، ރާއްޖޭގެ ޤައުމީ ސަލާމަތާއި ޤައުމީ މަޞްލަޙަތު ކުރިއެރުވުމެވެ. ނާޒިމް އިސްވެ، (އެހެން 2 ބޭފުޅުންނާއެކު) އުފެއްދެވި، ” މޯލްޑިވްސް ނެޝަނަލް ޕާޓީ” އަކީ ޤައުމީ ވިސްނުންތައް އިސްކޮށް، ޤައުމީ މައްސަލަތަކުގައި އިސްނަގާ ޕާޓީއެއްކަމުން، ޕާޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކަންކަމުގައްޔާއި ސަރުކާރު ޖަވާބުދާރީކުރުމުގެ ގޮތުން އެޕާޓީން ކުރަމުންދާ އެންމެހާ ކަންކަމުގައި ނާޒިމް ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން، ޕާޓީގެ އަމާޒު ކަމުގައިވާ “ފުދުންތެރި ރައްޔިތެއް” ބިނާކުރުމުގެ މަސައްކަތުގައި ނާޒިމް ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލައްވަން ނާޒިމް ނިންމެވީ، އެއިރުގެ ސަރުކާރުން ނާޒިމް ނުކުރާ ކުށެއްގައި ފްރޭމްކޮށް، ފެބްރުއަރީ 2015 ގައި، 11 އަހަރުގެ ޖަލު ޙުކުމެއް ކުރުމުން، ޖަލުގައި 3 އަހަރަށްވުރެ ގިނަ ދުވަހު ހޭދަކުރެއްވުމަށްފަހު، އަލުން އަނބުރާ ޤައުމީ ޚިދުމަތަށް ނިކުމެވަޑައިގެން ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގެ ޢަޒުމުގައެވެ. ދިވެހިދައުލަތުގެ ތެރެއިން ނާޒިމަށް އިންޞާފު ލިބިވަޑައިނުގެންނެވުމުން އޭނާއަށް ޖެހިވަޑައިގަތީ އިންޞާފަށް އެދި ޔުނައިޓެޑް ނޭޝަންސް ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާށެވެ. ޔުނައިޓެޑް ނޭޝަންސް ވާރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން 20 ޖެނުއަރީ 2017 ގައި ނިންމަވާފައިވަނީ ނާޒިމް ޖަލަށްލުމަށް ކޮށްފައިވާ ޙުކުމަކީ އިންޞާފުން ބޭރުން ކޮށްފައިވާ ޙުކުމެއް ކަމުގައެވެ.
ނާޒިމް ފްރޭމްކޮށްގެން ޖަލަށް ގެންދިއުމުގެ ކަންކަން އިންތިޒާމްވެގެން ދިޔައިރު އޭނާހުންނެވީ ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރުކަމުގެ މަޤާމުގައެވެ. ދިފާޢީ ވުޒާރާއާ ނާޒިމް ޙަވާލުވެވަޑައިގަތީ، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭނާ ދިފާޢީ ވަޒީރުކަމާ ޙަވާލުވެވަޑައިގެންނެވި އިރު، ދިވެހި އަސްކަރިއްޔާވަނީ ސިޔާސީ ނުފޫޒުވަދެ ވަރަށް ބަލިކަށިވެފައެވެ. ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ޤައުމުވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އެހެންކަމުން، މަޤާމުގެ ހުވާކުރެއްވުމަށްފަހު، ނާޒިމް އެންމެބޮޑު އަހަންމިއްޔަތުކަމެއް ދެއްވީ ދިވެހި އަސްކަރިއްޔާގެ ތެރެއަށް ވަދެފައިއޮތް ސިޔާސީ ނުފޫޒު ބޭރުކޮށް އަސްކަރިއްޔާ ނަގާ ކޮޅަށް ޖެހުމަށެވެ. އަދި ޤައުމު ހަމަމަގަށް އަޅުވައި، މަޞްލަޙަތު ޤާއިމުކުރެއްވުމަށެވެ. މި މަސައްކަތުގެ ތެރެއިން އަސްކަރިއްޔާ ރިފޯމްކޮށް، މުއައްސަސާއިން ސިޔާސީ ނުފޫޒު ބޭރުކޮށް، ޤައުމުގެ ސަލާމަތްކަން ވަރުގަދަކުރެވޭނެހެން ދިފާޢީ ދާއިރާ އަލުން ބައްޓަން ކުރެއްވިއެވެ.
ޤައުމީ ޚިދުމަތުގައި މިވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި ނާޒިމްކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ ތެރޭގައި، “ރިޝޭޕިންގ ދަ ޑިފެންސް ސެކްޓަރ ފޯރ އެ ސެކިއުރ މޯލްޑިވްސް” ގެ ނަމުގައި ޝާއިޢުކުރެވުނު ދިވެހިރާއްޖޭގެ ފުރަތަމަ ޑިފެންސް ވައިޓް ޕޭޕަރ ހިމެނެއެވެ. އަދި، ފެބްރުއަރީ 2012 ގައި ދިވެހި ސަރުކާރުން ޝާއިޢުކުރެއްވި “ނޭޝަނަލް ސެކިއުރިޓީ ޕޮލިސީ 2012” ފާހަގަކުރަންޖެހެއެވެ. މިއީ، ދިވެހި ސަރުކާރުގެ ފުރަތަމަ އަދި މިއަދާހަމައަށްވެސް ބޭނުންކުރައްވަމުން ގެންދަވާ ޤައުމީ ސަލާމަތުގެ ސިޔާސަތު ބަޔާންކުރާ ކަރުދާހެވެ. ހަމައެއާއެކު، ދިވެހިރާއްޖޭގެ ޤައުމީ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނާއި ކާރިސާ ބެލެހެއްޓެމުގެ ޤާނޫނު އެކުލަވާލުމުގައި ނާޒިމް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
މިގެ އިތުރުން، ދިފާޢީ ވުޒާރާގެ ދަށުގައި 2012 ވަނަ އަހަރު، “އޮފީސް ފޯރ ކައުންޓަރ ޓެރަރިޒަމް” ޤާއިމުކުރައްވައި އެމަސައްކަތް އިންސްޓިޓިއުޝަނައިޒްކޮށް ހަރުދަނާކުރެއްވުމުގެ މަސައްކަތްކުރެއްވިއެވެ. މިއަދުގެ “ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ” އަކީ މިދެންނެވި އިދާރާގެ ނަން ފެބްރުއަރީ 2015 ގައި ބަދަލުކުރައްވައި، އުފެއްދެވި މުއައްސަސާއެވެ.
ނާޒިމްގެ އިތުރު ޚިދުމަތްތަކުގެ ތެރޭގައި، ދިވެހި އަސްކަރިއްޔާގެ އެކި ރޭންކުތައް ތަމްރީނު ކުރުމުގައި ގިނަ ދުވަސްތަކަކަށް އިސްކޮށް (އެޖުޓަންޓް އާއި ކޮމަޑާންޓް މަޤާމުގައި) މަސައްކަތް ކުރެއްވުން ހިމެނެއެވެ. އަދި، ދިވެހިރާއްޖޭގެ ކެޑޭޓް ކޯ އުފަންކުރުމުގައި އިސްދައުރެއް އަދާކުރައްވައި، ކެޑޭޓުން ތަމްރީނު ކުރުމުގެ ޢަމަލީ މަސައްކަތުގައި 5 އަހަރު ހޭދަކުރެއްވިއިރު، ކެޑޭޓް ކޯގެ އެޖުޓަންޓްކަމާއި ކޮމަޑާންޓްކަންވެސް ކުރައްވާފައިވެއެވެ.
މީގެ އިތުރުން، 2004 ގައި ރާއްޖެއަށް ދިމާވި ސުނާމީގެ ޙާދިސާގައި ޤައުމަށާއި ރައްޔިތުންނަށް ލިބުނު ގެއްލުންތަކުން ސަލާމަތްކުރުމަށް އިސްސަފުގައި ކުރެއްވި މަސައްކަތްތަކާއި، 2013 ވަނަ އަހަރު، ޖީ.އެމް.އާރގެ އަތުން ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އަނބުރާ އަތުލުމުގައި އެންމެ އިސްސަފުގައި ކުރެއްވި މަސައްކަތްތަކާއި، އަދި މިހާރު ދިވެހިންގެ އަތުން ބީވެގެން ދިޔަ މަސްކަނޑުތައް އަނބުރާ ހޯއްދެވުމަށް އިސްވެ ކުރައްވަމުންގެންދަވާ މަސައްކަތްތައް ހިމެނެނީ ނާޒިމްގެ ޤައުމީ ޚިދުމަތުގައި ރަންއަކުރުން ފާހަގަކުރަންޖެހޭ ކަންކަމުގެ ތެރޭގައެވެ. ނާޒިމްވަނީ އަސްކަރިއްޔާގެ ޚިދުމަތުގެ އެތަކެއް މެޑަލާއި އަދި ރިބަން ޙާޞިލުކުރައްވާފައެވެ.
ނާޒިމްގެ ޙަޔާތަށް ބަލާލާއިރު، ޤައުމީ ސަލާމަތުގެ ދާއިރާއަށް ނާޒިމްގެ ޝައުޤުވެރިކަން އުފެދުމުގެ ސަބަބަކީ، ޢުމުރުގެ އެންމެ ޒުވާން ދުވަސްވަރުއްސުރެ ފެށިގެން ޤައުމީ ކަންކަމާ ޚާއްޞަކޮށް ޤައުމުގެ މިނިވަންކަމާ މެދު ވިސްނަވަމުން ގެންދެވުމެވެ. ޢުމުރުން އެންމެ 19 އަހަރުން ފެށިގެން، ދިވެހި އަސްކަރިއްޔާގެ ޚިދުމަތުގައި ހޭދަ ކުރެއްވި ދުވަސްތަކާއި އެދާއިރާއިން މަތީ ތަޢުލީމް ހާޞިލް ކުރެއްވުމުގެ ނަތީޖާއަކީ، ނާޒިމްއަކީ މިއަދު ރާއްޖޭގައި ހުންނެވި ޤައުމީ ސަލާމަތާއި ރައްކާތެރިކަމުގެ އެންމެ ހުށިޔާރު މީހާއަށްވުމެވެ. ނާޒިމް ދިވެހި އަސްކަރީ ޚިދުމަތާ ގުޅިވަޑައިގަތީ 11 މާރޗް 1987 ގައި އޭރު ޢަމަލުކުރަމުން ގެންދިޔަ ސަރުކާރު ސްކޫލަކުން ތަޢުލީމް ޙާޞިލްކުރާ ފަރާތްތައް ދައުލަތަށް ޚިދުމަތްކުރަން ޖެހޭ ސިޔާސަތުގެ ދަށުންނެވެ. ނާޒިމް ނިންމެވީ، އަސްކަރީ ޚިދުމަތުން ރެކެން މަސައްކަތް ކުރުމުގެ ބަދަލުގައި އެދާއިރާއިން ޤައުމީ ޚިދުމަތަށް ނިކުންނެވުމަށެވެ. މިހެންކަމުން، ނާޒިމް ވަނީ ރާއްޖޭގައި ހިންގި ހުރިހާ އަސްކަރީ ތަމްރީނެއް ފުރިހަމަކުރައްވާފައެވެ. ނާޒިމްގެ ފުރަތަމަ ރޭންކަކީ އެންމެ ޖޫނިއަރ ޕްރައިވެޓްގެ ރޭންކެވެ. އެހެން ނަމަވެސް މަސައްކަތުގައި ހިފެހެއްޓެވި އަޚްލާޤާއި ފެންވަރުގެ ސަބަބުން، ސިފައިންގެ ލީޑަރޝިޕް މަޤާމަށް ވަރަށް އަވަހަށް ވާޞިލުވެވުނެވެ. ނާޒިމް ކޮމިޝަންޑް އޮފިސަރަކަށްވީ 2001 ވަނަ އަހަރުގައެވެ. އަދި 2011 ގައި އަސްކަރީ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ ކާނަލްގެ ރޭންކުގައި، އަސްކަރީ އެކި ގުނަވަންތަކުގައި އިސްކޮށް ޚިދުމަތް ކުރެއްވުމަށްފަހުއެވެ.
ކާރިސާ ނޫނީ ޑިޒާސްޓަރ މެނޭޖްމަންޓާ ގުޅޭ ގޮތުން ނާޒިމް ތަޢުލީމު ޙާޞިލްކުރެއްވީ އިނގިރޭސިވިލާތާއި (ބޯންމައުތު ޔުނިވަސިޓީގެ އިންޓަނޭޝަނަލް ޑިޒާސްޓާ މެންޖްމަންޓް ކޯސް) އާއި ތައިލެންޑް (އޭޝިއަން ޑިޒާސްޓާ ޕްރިޕެއާޑްނެސް ސެންޓަރގެ ރީޖަނަލް ޑިޒާސްޓާ މެނޭޖްމަންޓް ކޯސް) އިންނެވެ. ލިބިވަޑައިގަންނަވާފައި ޢިލްމުގެ އަލީގައި، ދިވެހިރާއްޖޭގެ ޤައުމީ ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭނާއި ކާރިސާ ބެހެއްޓެމުގެ ޤާނޫނު އެކުލަވާލުމުގައި މުހިންމު ދައުރެއް ނާޒިމް އަދާކުރެއްވިއެވެ. ނާޒިމް އަކީ ޔުނައިޓެޑް ނޭޝަންސް މިލިޓަރީ އޮބްޒާވަރ ކޯސް ފުރިހަމަ ކުރެއްވުމުގެ އިތުރުން އޭޝިއާ-ޕެސިފިކް ސެންޓަރ ފޯރ ސެކިއުރިޓީ ސްޓަޑީޒްގެ އެލުމްނައި އެއްވެސް މެއެވެ. ދިވެހިރާއްޖޭގެ ކެޑޭޓް ކޯ އުފަންކުރުމުގައިވެސް ނާޒިމް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. ކެޑޭޓުން ތަމްރީނު ކުރުމުގެ ޢަމަލީ މަސައްކަތުގައި 5 އަހަރު ހޭދަކުރެއްވިއިރު، ކެޑޭޓް ކޯގެ އެޖުޓަންޓް ކަމާއި ކޮމަޑާންޓްކަންވެސް ކުރައްވާފައިވެއެވެ.
ނާޒިމްވަނީ މާސްޓަރ އޮފް މިލިޓަރީ ސައިންސް ފުރިހަމަ ކުރައްވައި އެ ޕްރޮގްރާމުން އެންމެމަތީ ދަރަޖަ ހޯއްދަވާފައެވެ. ޚާއްޞަ ވެވަޑައިގަތީ، ބައިނަލްއަޤްވާމީ މައިދާނުގައި ކުދި ޤައުމުތަކުގެ ސަލާމަތްކަން ކަށަވަރުކުރުމުގެ ދާއިރާއިންނެވެ. މީގެ އިތުރުން، ނާޒިމް ޚާއްޞަވެފައިވާ އެހެން ދާއިރާތަކަކީ ކާރިސާތައް މެނޭޖްކުރުމުގެ ދާއިރާއާއި އަސްކަރީ ތަމްރީނުގެ ދާއިރާއެވެ. ނާޒިމްއަކީ ޔުނައިޓެޑް ނޭޝަންސް މިލިޓަރީ އޮބްޒާވަރ ކޯސް ފުރިހަމަ ކުރެއްވުމުގެ އިތުރުން އޭޝިއާ-ޕެސިފިކް ސެންޓަރ ފޯރ ސެކިއުރިޓީ ސްޓަޑީޒްގެ އެލުމްނައި އެއްވެސް މެއެވެ.
މީގެ އިތުރުން، ނާޒިމްވަނީ ޢާއިލީ ވިޔަފާރީކަމަށްވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ކުރިއެރުވުމަށްޓަކާ ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، އެކަމުގައިވެސް ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ޙާޞިލްކުރައްވާފައެވެ. ދައުލަތުގެ ޚިދުމަތުގެ ދާއިރާއެކޭ އެއްގޮތަށް މިދާއިރާގައިވެސް ނާޒިމް ފާހަގަކުރެވެނީ މުރާލި، ކަމަށް ކަމޭ ހިތާ، އަވަހަށް ކަންކަން ނިންމާ، ނަތީޖާނެރޭ މީހެއްގެ ގޮތުގައެވެ.
ޕްރޮފެޝަނަލް މަސައްކަތްތަކުގެ ދާއިރާއިންނާއި ޢާއިލީ ވިޔަފާރީގެ މަސައްކަތުގައި ގިނަގުނަ ކާމިޔާބީތަކެއް ޙާޞިލްކުރެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ނަމަވެސް، ނާޒިމްއަކީ ޢާއިލާއަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދެއްވާ ފަރާތެކެވެ. މި ވަގުތު ދުނިޔޭގައި ބައްޕަ ނެތްނަމަވެސް، މަންމައާއި 9 ކޮއްކޮ ދުނިޔޭގައި އެބަތިއްބެވިއެވެ. އަދި އަނބިކަނބަލަކާއި، 3 ބޭފުޅުންނާއި، ކާފަ ވިދާޅުވާ 2 ބޭފުޅަކު ތިއްބެވިއިރު، ނާޒިމްގެ ޢާއިލާއަކީ ނާޒިމް ކުރައްވާ ބުރަ އަދި މިންނެތް މަސައްކަތުގައި ނާޒިމަށް އެންމެ ބޮޑަށް ހިތްވަރު ދެއްވާ އެންމެ ގާތް އެހީތެރިންނެވެ.
ނާޒިމްއަކީމޯލްޑިވްސް ނެޝަނަލް ޕާޓީގެ 2023 ވަނައަހަރުގެ ރިޔާސީ ކެންޑިޑޭޓެވެ. އޭނާގެ އަމާޒަކީ މާތްﷲގެ ވާގިފުޅާއެކު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ، ދިވެހިރައްޔިތުންނަށް އުޖާލާ ޒަމާނެއް ހޯދައިދިނުމެވެ. ފަޚުރުވެރި ދިވެހިރާއްޖެއެއް ބިނާކުރެއްވުމެވެ.